3 ބިޓުން ކެޓުމުން ހަކުރުުބޯން ވިސްނި ޒުވާނާ ފަތިސް ނަމާދުކުރަންފެށިތާ 3 މަހުން މިލިއަނަރު އަންބެއް!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު


3 ބިޓުން ކެޓުމުން ހަކުރުުބޯން ވިސްނި ޒުވާނަކު އެފަދަ ކަމެއް ކުރުމުގެ ބަދަލުގައި ފަތިސް ނަމާދުކުރަންފެށިތާ 3 މަސް ދުވަސް ތެރޭގައި މިލިއަނަރު އަންބެއް ލިބިއްޖެއެވެ.
އަކްރަމަކީ އުމުރުން 26 އަަހަރުގެ ޒުވާނެކެވެ. ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރެއެވެ. ދިރިއުޅެނީ ކޮޓަރިއެއް ކުއްޔަ ހިފައި އިތުރު ޒުވާނަކާ ހިއްޞާކޮށްގެންނެވެ. ކޮޓަރީގެ ކުލި އެކަނި ދެއްކުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވާތީއެވެ.
އަކްރަމަށް ކުރިމަތިވަމުން އައި އެންމެ ބޮޑު އެއް މައްސަލައަކީ ރައްޓެހިވާ ކޮންމެ އަންހެންކުއްޖަކުވެސް އޭނާ ދޫކޮށްލުމެވެ. ކައިވެންޏަކާއި ހަމައަށް ދިއުމުގެ މަރުހަލާ ފެށެންވާއިރަށް ނުވަތަ ފެށޭއިރަށް ޒަމާނީ ބަހުރުވައިންނަމަ ބިޓުކަޓަނީއެވެ.

އަކުރަމުގެ 3 ވަނަ ބިޓު ކެޓުން ވީ އޭނާއަށް ވަރަށް ބޮޑު ކަމަކަށެވެ. ހަޔާތާއިމެދު މާޔޫސްކަން އިތުރުވި ސަބަބަކަށެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަމަކަށެވެ. "ދެން އޮތް ގޮތަކީ މިއީ ނުވާނެ ލަމެއް ކަމަށް ބަލައި ހަކުރު ބޮއިގެން ހިތް ހަމަޖައްސައިލުން. އެއިރުން ވިސްނާކަށް ނުޖެހޭނެ. ފަސޭހައިން ނިދައިލެވޭނެ." މިފަދަ ފިކުރުތައް އަކުރަމަށް ކުރެވެން ފެށިއެވެ.

އެ ފިކުރުތަކާއިއެކު އަކުރަމުގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ޒިންމާދާރު ގޮތްތައް ދޫކޮށްލެވި ކޮންމެ ގޮތެއް ވަރިހަމަވާންފެށިއެވެ. ނަލަކޮށް ރީތިކޮށް ހުރި ހުރުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

އަކުރަމުގެ ރައްޓެހިންނަށް އެކަން ވިސްނެން ފެށުމުން އަކުރަމަށް ނަޞޭޙަތްތެރިވާންފެށިއެވެ. ފަތިސް ނަމާދަށް ފަރުވާތެރިވުމަށެވެ. އެހެން ނަމާދުތައްވެސް ޤަވާއިދުން ކުރުމަށެވެ. ނަމާދުގައި ގިނަގިނައިން އަކުރަމު އެދޭކަންކަން މާތްﷲއަށް ދެންނެވުމަށެވެ.

އަކުރަމަކީ ކުރިންވެސް ނަމާދުކުރާ ކުއްޖެކެވެ. ނަމަވެސް ފަތިސް ނަމާދަށް ހޭލެވެނީ ވަރަށް މަދުންނެވެ. އެހެންކަމާއިއެކުވެސް ރައްޓެހިންގެ ބަސް ޤަބޫލުކޮށް ފޯނުން ސޯނާކޮށްގެން ފަތިސް ނަމާދަށް ހޭލަންފެށިއެވެ.
ފަތިސްނަމާދު ޤަވާއިދުން ކުރަންފެށިތާ 3 މަސް ދުވަސް ވެސް ނުވަނީސް އޮފީހުގައި ހުއްޓައި އަކުރަމަށް ލިބެނީ މެސެޖެކެވެ. "އަކުރަމަށް ފަސޭހަ ވަގުތަކު ގުޅާލަބަލަ! މީ ސާދާ! ގުޅީމާ ކިޔައިދޭނަން! ޕްލީޒް!"
އެދުވަހުގެ މެންދުރު ލިބުނު ހުސްވަގުތުގައި އަކްރަމް ދިއައީ ނަމާދަށެވެ. ނަމާދު ނިމިގެން ސާދާއަށް ގުޅީ މިސްކިތުގެ ފެންޑާގައި ހުރެގެންނެވެ.
"އަހަރެން އަކުރަމުގެ މައުލޫމާތު ހޯދީ ވަރަށް މަސައްކަތުން. އަހަރެން ކޮންމެ ރެއަކު ޖޮގިން އަށްދާއިރު ފެނޭ އަކްރަމު މިސްކލިތުން ނުކުންނަތަން. ނޫނީ ވަންނަތަން. އަހަރެން އަކުރަމަށް ޝައުޤުވެރިވީ އެ މަންޒަރު ފެނުމުން.

އަހަރެންގެ ރައްޓެހިން މެދުވެރިކޮށް ކުރި މަސައްކަތުން އަކުރަމުގެ މާޒީ ވެސް އެނގިއްޖެ. 3 ބިޓުން ކެޓުމުން ދިރިއުޅުމަށް އައި ބަދަލުވެސް އެނގުނު.

އަހަރެންނަކީ ވެސް އެފަދަ ހާލަތުތަކެއް މެދުވެރިވި އަންހެނެއް. އަހަރެން ނިންމައިގެން މިހިރީ ދެން ﷲ އަށްޓަކައި ނޫނީ ލޯބިނުވާން އެކަކު ދެކެވެސް. އެހެންވެ އަހަރެން އަކްރަމް އާއި ގުޅެން ބޭނުންވީ. އަކްރަމް އެކަން ޤަބޫލުކުރާނެ ނަމަ އަހަރެންގެ ފޮޓޯ ވެސް ފޮނުވަފާނަން. އަހަރެންނާ ބައްދަލުކުރަން ބޭނުންނަމަ މިރޭގެ އިޝާ ނަމާދަށްފަހު މިގެއަށް އާދޭ. މިގެއަކީ ..... މިއީ އަހަރެމެންގެ ޢާއިލީގެ. އަހަރެން އަކުރަމަށް މަރުހަބާ ކިޔާނަން. ގޭ ކައިރިއަށް އައިސް ގުޅައިލާ ގޭޓް ހުޅުވާނަން. ލިފްޓުން 10 ވަނަ ބުރިއަށް އާދޭ."

ސާދާގެ ވާހަކަތައް އަކްރަމަށްވީ ކަންފަތަށް އިވުނު ޒަލްޒަލާއެއް ފަދަ އަޑުތަކަކަށެވެ. ކުރިމަތިވި ބޮޑު އިންޤިލާބެއް ފަދަ ކަމަކަށެވެ. ބިޓުންނާއި ބައްދަލުކުރަން މީގެ ކުރިން އަކްރަމަށް އަބަދުވެސް ދާންޖެހެނީ ކޮފީ މޭޒުތަކަށެވެ. ނުވަތަ އެފަދަ ކޮންމެވެސް ތަނަކަށެވެ. ނަމަވެސް މިފަހަރު މިޖެހުނީ ގެއަކަށް ދާށެވެ. އަދި 10 ވަނަ ބުރިއަށްވެސް އަރާށެވެ.
އެދުވަހު ހަވީރު އަކްރަމުގެ ހެޔޮއެދޭ ރަހްމަތްތެރިންނަށް ސާދާގެ ވާހަކަ ހިއްސާ ކުރިއެވެ. އެންމެންވެސް އަކްރަމުގެ ކިބައިން އެދުނީ އެކަމުގެ ހަޤީޤަތް ބަލައިލުމަށެވެ. އެއްވެސް މީހަކަށް މާތްﷲ މިންވަރު ކުރައްވަވާނެ ރަހްމަތެއް ނުއެނގޭނެތީއެވެ.
ޢިޝާ ނަމާދުން ފައިބައިގެން އަކްރަމް އެގެއަށް ދިއައެވެ. ސާދާ އާއި ބައްދަލުކުރިއެވެ. ދެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށްފަހު ސާދާ ބޭނުންވީ ވީހައި އަވަހަކަށް ކައިވެނި ކުރުމަށެވެ. ކޮންމެ ރެއަކުވެސް އިޝާ ނަމާދަށްފަހު އެގެއަށް އައިސް އެގެއިން ކެއުމަށެވެ. ދެ މީހުން ބައްދަލުކުރުމަށްޓަކައެވެ.

ބަރާބަރު 10 ދުވަސްވީއިރު ދެމީހުން ތިބީ ކައިވެނިކޮށްގެންނެވެ. މާ ބޮޑު ހަފްލާއެއްވެސް ނުބާއްވައެވެ. ބައިވެރިވީ އަކްރަމްގެ ރަހްމަތްތެރިންނާއި ސާދާގެ ޢާއިލާގެ މީހުންނެވެ.
ސާދާ ނިންމާފައި އޮތީ ކައިވެންޏަށްފަހު ދެމީހުން ހަނީމޫނަށް ދުބާއީއަށް ދިއުމަށެވެ. ދުބާއީން ހުރިހައި އެއްޗެއް ގަނެގެން އައިސް ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ.

ސާދާ އަކީ ރާއްޖޭގެ ފެންވަރުގައި އެންމެ މުއްސަނދިންގެތެރޭގައި ހިމެނޭ މިލިއަނަރެއްގެ 3 ވަނަ އަންހެން ދަރިފުޅެވެ. މިއަދު އަކްރަމާއި ސާދާ ދިރިއުޅެމުން ދަނީ ނުހަނު އުފަލުންނެވެ. ކައިވެންނަށް ދެ ދަރިންވެސް ވަނީ ލިބިފައެވެ.

އަކުރަމުގެ ކަަންފަތުގައި ގުގުމަނީ ރަހްމަތްތެރިންގެ އަޑެވެ. "އަކުރަމުގެ ކުށެއް ނެތި ބިޓު ކެޓުމަކީ މާތްﷲގެ ރަހްމަތެއް. އެކަމުގައި ކުރިއަށް ދިއުމުން އަކުރަމަށް އޮތް ނުބައަކަުން ﷲ އެ ސަލާމަތް ކުރައްވަވަނީ. އެއީ މާޔޫސްވެ ގޮތް ހުސްވެގެން އުޅެންވީ ކަމެއް ނޫން. މަސައްކަތް ކުރަންވީ ﷲ އާއި އިތުރަށް ކައިރިވާން. ނަމާދާއި ހެޔޮ އަމަލުތައް ކުރުން އިތުރުކުރަން."

ސާދާ އާއި އަކްރަމް އެމީހުންގެ ކައިވެންޏަށްފަހުވެސް ޤަވާއިދުން ނަމާދު ކުރެއެވެ. ރޭގަނޑު ކާރު ނުރަށް ދިއުމުގެ ކުރިން ކީރިތި ޤްރްއާނުން ފޮތެއް ކިޔަވައެވެ. ދެކުދިން އެކުގައި ތިބެގެންނެވެ.

ސާދާގެ ބައްޕަގެ އެހީތެރިކަމާއިއެކު ދެމަފިރިންގެ ނަމުގައި މިހާރު ގެންދަނީ ވިޔަފާރިއެއްވެސް ކުރަމުންނެވެ. އެއީ ޓްރެވަލް އެޖެންސީއެއް ހިންގުމެވެ. މާތްﷲ ވާގިފުޅާއިއެކު އެކުންފުނީގެ މަސައްކަތްތައްވެސް ދަނީ ކުރިއަރަމުންނެވެ. އެހެންކަމުން ޢާއިލާގެ އެހީތެރިކަމާއި ނުލައި ދެމަފިރިންނަށް އުޅެވޭވަރުގެ އާމްދަނީއެއް ވެސް ލިބި އިތުރުވެސްވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް