ނުބަލަން ގެއިން ނެރެލި މަންމައަށް 4 މަސްތެރޭ ގަނޑުވަރަކާ މިލިއަނަރުކަން!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 51 ސިކުންތު

ސިމާނީ އަކީ އުމުރުން 17 އަހަރުގަ ކައިވެނިކުރި އަންހެނެކެވެ. އެހައި ހަގު އުމުރުގައި ސިމާނީ ކައިވެނިކުރީ އޭނާގެ މައިން ބަފައިންނަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. ޢާއިލާއަށް އިތުރު ތަނަވަސްކަމެއް ހޯދައިދިނުމުގެ އުންމީދުގައެވެ. ދުވާލަކު އެއްއިރަށްވުރެ ގިނަ ފަހަރު މައިން ބަފައިންނަށާއި ކޮއްކޮމެންނަށް ކާއެތިކޮޅެއް ހޯދައިދިނުމުގެ އުންމީދުގައެވެ. 


ސިމާނީގެ އެ އުންމީދު އޭނާ ހާޞިލުކުރިއެވެ. ފިރިމީހާ އާއި ދެމީހުންވެގެން ދަނޑުގޮވާންކޮށް އެކަމުން ފައިސާ ހޯދައިގެން ޢައިލާއަށް ފުދުންތެރިކަން އިތުރުކުރިއެވެ. އަދި ކޮއްކޮމެންނަށް ކިޔަވައިދިނުމުގެ މަތިވެރި ވާޖިބުވެސް އަދާކުރިއެވެ. 


ސިމާނީގެ އުމުރުން 45 އަހަރު ފުރުނީއެވެ. އަވަށުގެ ނިޞްބަތުން މިހާރު ސިމާނީގެ އާއިލާއަކީ ފުދުންތެރި އާއިލާއެއް ކަމަށްވެސް ބުނެވިދާނެއެވެ. ސިމާނީއަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިންނަކީވެސް ކިޔަވައިގެން ތިބި އަދި ރަނގަޅު ވަޒީފާވެސް އަދާކުރަމުންދާ ބައެކެވެ. 


މާތްﷲ ކަންކަން މެދުވެރިކުރެއްވެވިގޮތުން ސިމާނީގެ އުމުރުން އެންމެ 32 އަހަރުގައި ފިރިމީހާ ވަނީ ޑެންގީ ހުންޖެހި ނިޔާވެފައެވެ. އެހެންކަމާއިއެކުވެސް އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ދަރިންނަށް ކިޔަވައިދީ އަދި ތަރުބިއްޔަތު ކުރުމަށް ކުރި މަސައްކަތުގައި މާތްﷲ ވަނީ ބަރަކާތް ލައްވަވައިފައެވެ. އެ މަޤްޞަދު ކިތަންމެ ފުރިހަމައަކަށްވެސް ވަނީ ހާޞިލުވެފައެވެ. 


އެހެންކަމުން ސިމާނީ އަބަދުވެސް އުންމީދުކުރަމުން އައީ އޭނާގެ ދަރިން ކައިވެނިކޮށް ސިމާނީ، އޭނާގެ މަންމަމެންނަށްޓަކައި ވެފައިވާ ފަދަ ޤްރްބާނީއެއް ސިމާނީގެ ދަރިންވެސް ސިމާނީއަށްޓަކައިވާނެ ކަމަށެވެ. ސިމާނީ އެއިރު ކުރި ފަދަ ބުރަ މަސައްކަތްތަކެއް ދަރިން ނުކުރި ނަމަވެސް ލޯތްބާއި ކުލުނާއި އަޅައިލުން ލިބޭނެ ކަމަށެވެ. 


ނަމަވެސް ކަންކަން މެދުވެރިވީ އެފަދައަކުން ނޫނެވެ. ދިމާ އިދިކޮޅަށެވެ. ފުރަތަމަ ކައިވެނިކުރީ ދޮށީ ފިރިހެންދަރިފުޅެވެ. ކައިވެނިކޮށްގެން ގެއަށް ގެނައި އަނބިމީހާ ފުރަތަމަވެސް ބޭނުންވީ ގޯތިން ބައެއް ވަކިކޮށް ވަކި ދިރިއުޅުމެއް އުޅުމަށެވެ. ޢާއިލާ އާއި އޭނާގެ ފިރިމީހާ އާއި އޮތް ގުޅުން ކަނޑުވާލައި ހުރިހައި ކަންކަން އޭނާގެ ބާރުގެދަށަށް ގެނައުމަށެވެ. 


އެކަމަށް އެދުމުން ސިމާނީ 4 ކުދިންނަށް ގޯތި ބަހައިދިނެވެ. އޭނާއަށް ބައެއް ނެގުމަކާއިވެސް ނުލައެވެ. 


މާގިނަ ދުވަސްތަކެއް ނުވެ ދެން ތިބި ދެބެއިންވެސް ކައިވެނިކޮށްފިއެވެ. އަދި 4 ގޭގައި ދިރިއުޅެން ވެސް ފަށައިފިއެވެ. 


ހަޔާތުގެ ދުވަސްތައް ފާއިތުވަމުން ގޮސް ސިމާނާގެ އުމުރުން 60 ވަނަ އަހަރު ސިމާނާއަށް ކުރިމަތިވީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ ކަމަށް ޔަޤީންކޮށްގެން ހުރި މައްސަލައެވެ. ސިމާނާގެ ދަރިންނަށް އޭނާ އާއި ހުރެ އުނދަނގޫތައް ކުރިމަތިވެގެން ގެއިން ނުކުންނަން ޖެހުނު ދުވަހެވެ. 


އެދުވަހު ހަތަރު ދަރިންގެ ކުރިމަތީގައި ގިސްލާ ރޮމުން ސިމާނާ ބުނީ "މަންމަ އާއި މާތްﷲ ހަވާލުކުރެއްވެވި އަމާނާތް، ތިއަ 4 ދަރިން، މާތްﷲ ވާގިފުޅާއިއެކު ބަލައި ބޮޑުކުރެވިއްޖެއެވެ. ވަރަށް ރަނގަޅު ދިރިއުޅުމެއްވެސް ހޯދައި ދެވިއްޖެއެވެ. ތިއައިން އެއްވެސް ކުއްޖެއްގެ ގެއިން މި މަންމައަށް އެއްވެސް ޖާގައެއް ނެތުމުން އަންގައި ދެނީ އެއްވެސް ދަރިއެއްގެ ހިތުގައި މަންމައަށް އެއްވެސް ކުލުނެއް ނެތްކަމެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ކުރާކަށް ނެތީމެވެ. އެއީ ވެސް ހަމަ މާތްﷲ މިންވަރުކުރެއްވެވި ގޮތެވެ. އެކަލާނގެ މިންވަރުފުޅުގައި މަންމައާއި މެދު އޮތް ގޮތެވެ. މަންމަގެ އެކައުންޓަކު މާގިނަ ފައިސާތަކެއް ނެތެވެ. ނަމަވެސް 5000 ރުޕީސް (އިންޑިއާ) ހުންނާނެއެވެ. އެވަރުން މަންމައަށް ފުދޭނެއެވެ. މަންމަ މިދަނީއެވެ. މަންމަ މިދަނީ އެކަނިވެރި މުސްކުޅިން ބަލަހައްޓާ ޔަތީމު ޚާނާއަކަށެވެ. މަންމަ ދުނިޔޭގައި އިންހައި ދުވަހަކު ތިއަ 4 ދަރިންނަށް ރަހްމަތް އިތުރުކުރެއްވެވުން އެދި ދުޢާކުރާނަމެވެ."


މިހެން ބުނެފައި ގެއިން ނުކުންނަން ހިނގައި ގަތުމުން 4 ދަރިންވެސް މަންމައަށް ފައިސާ ދޭން މަސައްކަތްކުރިއެވެ. ނަމަވެސް ޖަވާބުގައި ބުނީ "ބިލިއަނުން ތިއަ ރުފިޔާތައް މަންމަ އަތުގައި ހުރި ނަމަވެސް އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މަންމަ ތިއަ ކުދިންގެ ކިބައިން ބޭނުންވީ ފައިސާއެއް ނޫނެވެ. މުސްކުޅިވި ދުވަހު އަޅައިލުމާއި ލޯތްބެވެ. އިޙްތިރާމް ކުރުމެވެ. މަންމަ ބޭނުންވީ މަންމަގެ އެންމެ ފަހު ނޭވާ އާއި ހަމައަށްވެސް މާމަދަރިން ގޮވައިގެން ކުޅެން އުޅޭށެވެ. އެދަރިންނަށް ޚިދުމަތް ކުރާށެވެ. ތިއަ ފައިސާތައްވެސް ބަހައްޓާށެވެ. ކޮންމެވެސް އުފަލެއް ކޮށްލާށެވެ. ތިއަ ފައިސާ އަކީ ދަރިން ދިން އެއްޗަކަށް ވުމުން ބޮލާލައި ޖަހާކަށް ނެތީމެވެ. އެހެންވީމާ މިހާރު ތިއަ ދިއްކުރާ ފައިސާ މަންމަގެ މާމަދަރިންގެ އުފަލަށްޓަކައި ހޭދަކޮށްލާށެވެ. އެއިރުން މަންމައަށް ލިބުނީއެވެ."


ސިމާނީ ޔަތީމް ޚާނާއަކަށް ބަދަލުވީއެވެ. އެހިސާބުންވެސް ސިމާނީ މާޔޫސްވާން ބޭނުމެއް ނުވިއެވެ. ދެ ދުވަހަކު ވިސްނަން ހުރުމަށްފަހު ޚިޔާލީ ވާހަކައެއްގެ ގޮތުގައި އޭނާގެ ހަޔާތުގެ ޑައިރީ ލިޔުނެވެ. އަދި އެ ފޮތް ޗާޕުކޮށްދޭނެ މީހަކު ވޭތޯ ހިނގަންފެށިއެވެ. 


އެގޮތުން ދިއަ އެއްފަރާތަކުން ފޮތް ކިޔައިލުމަށްފަހު ބުނީ އަގެއް ކުރިއަކަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް ޗާޕުކޮށްގެން ވިކޭ ކޮންމެ ފޮތަކުން 25 ރުޕީސް ދީފާނެ ކަމަށެވެ. އެގޮތަށްވެސް ސިމާނީ އެއްބަސްވީއެވެ. އެއްބަސްވުމެއްގެދަށުން ފޮތް ޗާޕުކުރަން ހަވާލުކުރީއެވެ. 


ސިމާނީ ވަކީލު ކުރީ ﷲއަށެވެ. ނަމާދުކުރުމަށްފަހު ދުޢާކުރަމުން ގެންދިއައީ އޭނާގެ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިއެވެ. 


ނަތީޖާ ސިމާނީއަށް އެނގުނީ އެއިގެ ދެ މަހެއްހައި ދުވަސްފަހުންނެވެ. ޓީވީތަކުން ހަބަރު ކިޔަން ފެށުމުންނެވެ. އޭނާ ލިޔުނު ފޮތުގެ 3 މިލިއަން ކޮޕީ އެއް މަސް ދުވަސްތެރޭގައި ވިކުނު ވާހަކައެވެ. 


ފޮތް ޗާޕުކުރި ފަރާތުން ބޮޑު ރަސްމިއްޔާތެއް ބާއްވައި 75 މިލިއަން ރުޕީސްގެ ޗެކު ސިމާނީ އާއި ހަވާލުކުރުމުން ސިމާނީ ފުރަތަމަވެސް ގަތީ ސްވިމިންގ ޕޫލަކާއިއެކު ހުރި ގެއެކެވެ. އެއަށްފަހު ގެއަށް ގޮސް 4 ދަރިންގެ ކުރިމަތީގައި ހުއްޓިފައި ބުނެލިއެވެ. 


"ތިއައިން އެއްވެސް ދަރިއަކާއިމެދު އެއްވެސް ހިތްބުރަކަމެއް ނެތެވެ. މަންމައަށް މާތްﷲ ގެއެއް ދެއްވައިފިއެވެ. މާމަ ދަރިންނަށާއި ތިއަ ދަރިންނަށް ފަތާލައި އުފާކޮށްލެވޭނެވަރުގެ ސްވިމިންގ ޕޫލްވެސް ގޭގައި އެބަހުއްޓެވެ. ތިއަ ކުދިން އެކަމަށް އެދޭނަމަ ހަމަ ގިނަގިނައިން މަންމަގެ ގެއަށް އަންނަންވީއެވެ. އަދި ބޭނުންވެގެން ބުނެފިނަމަ ކާރުވެސް ބަލައި ފޮނުވާނަމެވެ. އެކަމަކު މަންމަ ގަތީ މުސްކުޅި ކާރެކެވެ. މަންމަވެސް މުސްކުޅި ދޯއެވެ." 


4 ދަރިންނަށްވެސް މަންމަ ގެއިން ނުކުތުމަށްފަހު ކަންކަން މެދުވެރިވި ގޮތް އެނގެއެވެ. ފޮތެއް ލިޔުނުކަމާއި އެފޮތް ނެރުނުތާ މަހެއްހައި ދުވަހުގެ ތެރޭގައި 3 މިލިއަން ކޮޕީ ވިކުނު ކަމާއި އެކަމުން މަންމައަށް 75 މިލިއަން ރުޕީސް ލިބުނުކަންވެސް އެނގެއެވެ. މާފަށް އެދެން ބޭނުންވި ނަމަވެސް އެކަން ކުރާނެ ގޮތަކަށް ވިސްނަން ތިބީއެވެ. އެހެން ތިއްބައި ދެންވެސް އިސްނެގީ ހަމަ މަންމައެވެ. ހިތް ހަލާލު ހިފައިގެން އައީ މަންމައެވެ. 


މިހާރު ހުރިހައި ދަރިންވެސް ސިމާނާގެ ގެއަށް އާދެއެވެ. ހަފްތާ ބަންދުގައި ހުރިހައި ކުދިންވެސް އުޅެނީ ގޭގައެވެ. ބައެއް މާމަ ދަރިން މާމަގެ ގެއަށް އުޅުންވެސް ބަދަލުކޮށްފިއެވެ. ސިމާނާ ދެކެން ބޭނުންވި ދުވަސް އެއިގެ އެންމެ ފުރިހަމަ ގޮތުގައި މާތްﷲ ދެއްކެވީއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް