ކެންސަރު ހުރިކަން އެނގުނީވެސް 4 ވަނަ ސްޓޭޖްގަ- ދުޢާއިން ރަނގަޅުވުމުން ޑޮކްޓަރުންގެ ހައިރާންކަން އިންތިހާއަށް!

ދަރިއެއް ނުލިބޭނެ ކަމަށްވެސް ބުނި- އެކަމަކު މިއޮތީ ދަރިފުޅު!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު


ދުބާއީގައި މަސައްކަތްކުރާ ބޭންކަރެއް ކަމަށްވާ ރަޝީދާއަކީ މަޤާމުގައި ކުރިއެރުން ހޯދަމުން އައި އަންހެނެކެވެ. އަމިއްލަ މަސައްކަތުން ވަނީ ކޮންސަލްޓަންސީ ފާމެއް ވެސް ހުޅުވައިފައެވެ. ބަލިވެގެން ދުވަހަކުވެސް ބޭސްކުރަން ޖެހިފައެއްވެސް ނުވެއެވެ. ރޯގާތަކާއި އާންމު ބަލިތަކެއްވެސް ނުޖެހެއެވެ.

ރަޝީދާގެ އުމުރުން 26 އަަހަރުގައި އޭނާގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ޑޮކްޓަރަށް ދެއްކީ ގައިގެ ބައެއް ތަންތަނުގައި ގޮށްލާތީއެވެ. އަދި ބައެއް ތަންތަނަށް ތަދުވާތީއެވެ.

ޑޮކްޓަރުން ޓެސްޓްތައް ހެދުމަށްފަހު ބުނީ ކެންސަރުގެ ބާވަތެއް ކަމަށްވާ "ހޮޑްކިންސް ލިމްފޯމާ" ޖެހި 4 ވަނަ ސްޓޭޖަށް ފެތުރިފައިވާ ކަަމަށެވެ. އަދި ދިރި ހުންނާނީ މަދު ދުވަސްކޮޅަކު ކަމަށެވެ.

ރަޝީދާ އަކީ އިނގިރޭސިވިލާތަށް ނިޞްބަތްވާ އަންހެނަކަށްވާތީ ރަޝީދާ އަވަސް އަވަހަށް ދިއައީ އާއިލާ އާއި ބައްދަލުކުރުމަށެވެ. އަދި އިނގިރޭސިވިލާތުގެ ޑޮކްޓަރުން ބުނާ ބަހެއް ވެސް ބަލައިލުމަށެވެ.

ރަޝީދާ ބުނީ އިނގިރޭސި ވިލާތުގެ ޑޮކްޓަރުންވެސް ޓެސްޓްތައް ހެދުމަށްފަހު ބުނީ ހަމަ އެއްގޮތަކަށް ކަމަށެވެ. "އެދުވަހު އަހަރެންގެ ހާލުގެ ވާހަކަ ކިޔައި ދިނުމުން ޢާއިލާގެ އެންމެންވެސް ފެށީ ރޯން. ރޮއިރޮއި ވަރުބަލިވިމާ ފެށީ ﷲއަށް ދުޢާކުރަން."

ރަޝީދާ ބުނީ ޑޮކްޓަރުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ދިރިހުރިހައި ދުވަހަކު ﷲގެ ޙަޟްރަތުން އުންމީދު ކަނޑައި ނުލަން ﷲ އަންގަވާފައިވާތީ އޭނާ ދެމިހުރީ ދުޢާކުރުން މަތީގައި ކަމަށެވެ. އަދި އާއިލާގެ އެންމެންވެސް ދިއައީ ދުޢާކުރަމުން ކަމަށެވެ.

"ޑޮކްޓަރު ބުނިގޮތަށް ފަރުވާ ހޯދަމުން ގެންދިއައީ. 3 މަސްފަހުން ބުނީ ރަނގަޅުވާހެން ހީވެއޭ. 6 މަސްފަހުން ހުރިހާ ޓެސްޓްތަކެއް ހަދާފައި ބުނީ އެކުގައި ކެންސަރު ފިލައިފިއޭ. މިހާރަކު ކެންސަރުގެ އެއްވެސް އަސަރެއް ނެތޭ. އެއީ އަހަރެންނާއި ޢާއިލާއިން ކުރި ދުޢާ މާތްﷲ އިޖާބަ ކުރެއްވެވީ. އިލާހީ މުއުޖިޒާތެއް އެއީ، ދެން އެހެން ކޮންކަމެއް. އެމީހުން ބުނި އަހަރެން ދުނިޔޭގަ ހުންނާނީ ވަރަށް މަދު ދުވަސްކޮޅަކުއޭ. ރަނގަޅެއް ނުވާނެއޭ. 4 ވަނަ ސްޓޭޖޭ. އަހަރެންގެ މަތިން އުންމީދު ކަނޑާލައި އެކީ މާޔޫސްކުރުވި."

ރަޝީދާ ބުނީ އޭނާއަށް ޖެހުނު ކެންސަރުގެ ސަބަބުން ދަރިއަކު ނުލިބޭނެ ކަމަށްވެސް ބުނި ކަމަށާއި ނަމަވެސް އަބަދުވެސް އޭނާގެ އެންމެ ބޮޑު އުންމީދަކީ ކައިވެންޏެއްކޮށް ދަރިއަކު ޙޯދުން ކަމަށެވެ. އެހެންކަމުން އެކަން ފަހިކޮށްދެއްވަވާތޯ ދުއާކުރުންމަތީގައި ދެމިހުރީ ކަމަށެވެ.

"އަހަރެން ކައިވެނިވެސް ކުރީ. މިއޮތީ މިހާރު 7 ހަފްތާގެ ދަރިފުޅު. އަބްޔާން! މާތްﷲގެ މިންވަރުފުޅު މާމަތިވެރި. މާތްﷲއަށް އިޚްލާޞްތެރިވެ ވާގިއެދޭނަމަ ﷲ އެމީހަކު ދޫކޮށެއް ނުލައްވަވާނެ!"
ރަޝީދާ ބުނީ އޭނާއަށް ކެންސަރު ޖެހުނުކަން އެއީ އެނާއަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ. "އަހަރެން އެއިގެ ކުރިން އަަބަދުވެސް ވިސްނަމުން އައީ މަސައްކަތާއިމެދު.

މަސައްކަތުގަ ކުރިއެރުން ހޯދަން. ކެންސަރުގެ ސަބަބުން ދަތި ހާލުގައި އުޅޭ މީހުންނާއިމެދު ވިސްނަން ފެށުނު. ދެން އަހަރެން ވާނީ އިންސާނިއްޔަތަށް ޚިދުމަތްކުރާ އަންހެނަކަށް. ﷲއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ﷲގެ ފުރިހަމަ ޚާދިމަކަށް."

ރަޝީދާ މިހާރު ވަނީ އިނގިރޭސި ވިލާތުގައި ޗެރިޓީ ފައުންޑޭޝަނެއް އުފައްދައިފައެވެ. އެ ފައުންޑޭޝަނުން ގެންދަނީ ޞިއްޙީ އަދި ތައުލީމީ ކަންކަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މީހުންނަށް އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް