ޑިބާލާ ކާމިޔާބުކޮށްދިން ގޯލާއެކު ޔުވެންޓަރސް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ، ޕޯޓޯ ބަލިކުރުމަށްފަހު، މުބާރާތުގެ ކުއާޓަރ ފައިނަލަށް ޔުވެންޓަރސް ދަތުރުކޮށްފިއެވެ.

އެޓީމު ރޭ ކުއާޓަރއަށް ދަތުރުކުރީ ޕޯޓޯގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު، 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުވެންޓަރސް އިންނެވެ. އެހެންކަމުން މުބާރާތުގެ ކުއާޓަރއަށް ޔުވެންޓަރސް ދަތުރުކުރީ، 0-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޔުވެންޓަރސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން، ޔުވެންޓަރސްއަށް ކާމިޔާބުކޮށްދިނީ، މެޗުގެ 42 ވަނަ މިނެޓްގައި، އެޓީމުގެ ފޯވާޑް ޕައުލޯ ޑިބާލާއެވެ.

މި ޕެނަލްޓީ ޔުވެންޓަރސްއަށް ލިބުނީ ޕޯޓޯގެ، މެކްސީ ޕެރޭރާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އަދި ރެފްރީ ވަނީ ޕެރޭރާ ގަސްދުގައި ބޯޅައިގައި އަތްލިކަމަށް ބަލާ އޭނާއަށް ރަތްކާޑުވެސް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

10 ކުޅުންތެރިންނާއެކީ ދެވަނަ ހާފް ޕޯޓޯއިން ފެށިއިރު މި ހާފު މުޅިންކަހަލަ ގޮތަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޔުވެންޓަރސް އިންނެވެ. ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް، ޔުވެންޓަރސްއަށް ވަނީ ލިބިގެން ގޮސްފައެވެ.

ޔުވެންޓަރސް އެންމެ ފަހުން މި މުބާރާތުގެ ކުއާޓަރއަށް ދަތުރު ކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ އަހަރު އެޓީމު ވަނީ މި މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައެވެ. އެފަހަރު ޔުވެންޓަރސް ފައިނަލުން ބަލިވީ ބާސެލޯނާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ. އެއީ އެޓީމުގެ ތާރީޚުގައިވެސް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

ކުއާޓަރ ފައިނަލްގައި ޖުވެންޓަރސް ބައްދަލުކުރާނެ ޓީމެއް އެނގޭނީ އަންނަ ހުކުރު ދުވަހު އޮންނަ ގުރުނެގުމުގެ ރަސްމިއްޔާތަށް ފަހުގައެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

ޢަބްދުލްޙައްނާން