އަމިއްލައަށް މަރުވާން ވިސްނާ މީހުން ސަލާމަތް ކުރަމާ!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތައް ތަޙައްމަލު ކުރަން ދަތި ވެގެން، ނުވަތަ އެނޫން ކޮންމެވެސް ސަބަބަކާއި ހެދި، އަމިއްލައަށް މަރުވާ މީހުންގެ އަދަދު މިދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.

އަމިއްލައަށް މަރުވާ މީހުންނާއި މެދު ގިނަ ފަހަރަށް އެހެން މީހުން ދެކޭ ގޮތް ވަރަށް ތަފާތެވެ. އެއްބަޔަކު ބުނާ ގޮތުގައި "އެމީހުން އެކަން ކުރަނީ މޮޔަވެގެން"، "ހަމައިން ނެއްޓިގެން" ނުވަތަ "އީމާން ތެރިކަން ކުޑަވެގެން" އެވެ. މިއީ ތެދަކަށްވެސް ވެދާނެއެވެ.

ނަމަވެސް މިފަހަރުގެ ލިޔުމުގައި ދައްކަން މިއުޅެނީ އަމިއްލައަށް މަރުވެގެން ގޮސްފައި ތިބި މީހުންގެ ވާހަކައެއް ނޫނެވެ. އެމީހުން ސަލާމަތް ނުކުރެވުނު ކަމުގައި ވިޔަސް، މިހާރު އެކަން ކުރަން ވިސްނަމުންދާ މީހުން ސަލާމަތް ކުރެވިދާނެ ގޮތްތަކެއްގެ ވާހަކައެވެ.

ދިރިއުޅުމުުގައި ކަންތައްތަކެއް ދިމާވެފައިވާ މީހަކު އެހީތެރިކަމެއް ބޭނުން ވެގެން ގިނަ ފަހަރަށް އަމިއްލައަކަށް ނުބުނާނެއެވެ. އެކަން ޖެހޭނީ ކޮންމެވެސް ގޮތަކުން އަމިއްލައަށް ދެނެގަނެ ޙައްލެއް ދެވޭތޯ ބަލާށެވެ.

- އޭނާއާއި ވާހަކަ ދެއްކުން
އާއްމުގޮތެއްގައި އަމިއްލައަށް މަރުވާން ވިސްނަނީ ދިރިއުޅުމުގައި ތަފާތު އެކިއެކި ކަންތައްތަކާއި ދިމާވެ، އެކަންކަމާއި މާބޮޑަށް ހިތުގައިޖެހި، ނަފްސާނީ ގޮތުން އެކިއެކި ގެއްލުންވެފައިވާ މީހުންނެވެ. ޙަޤީޤަތުގައި އެމީހުން ބޭނުންވަނީ ދިރިއުޅުން ދޫކޮށްލާކަށް ނޫނެވެ. އެމީހުން ބޭނުންވަނީ އެވޭނުން ސަލާމަތްވާށެވެ. އެކަން ކުރަން ނެގެނީ އެއަށްވުރެ މާބޮޑު ވޭނެއް ލިބޭނެ ފިޔަވަޅެއްކަން އެފަދަ މީހުންނަށް ނުވިސްނެނީއެވެ. އެހެންކަމުން ތިމާގެ އާއިލާ މީހެއް ނުވަތަ ގާތް ރަޙްމަތްތެރިއެއް ވިޔަސް މާބޮޑަށް ހިތްދަތިވެފައި ހުރިހެން އިޙްސާސް ކުރެވޭނަމަ، އެމީހަކާއި ރީތިކޮށް ވާހަކަ ދައްކާށެވެ. އޭނާ އަކީ އެކަނިވެރިއެއް ނޫން ކަމާއި، ތިމާ އޭނާއަށް އަޅާލާނެކަންވެސް އިޙްސާސް ކޮށްދޭށެވެ. އޭނާ ދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ. އެއްވެސް ފޫހި ކަމެއް ނެތި އޭނާއަށް ވީހާވެސް ގިނައިން ޝައުޤުވެރިކަން ދޭށެވެ.

- އަމިއްލައަށް މަރުވާން ވިސްނާކަމަށް އޭނާ ބުނެފިނަމަ، ލަސްނުކޮށް ތަފްސީލު ހޯދާ
"އަހަރެން މިއުޅެނީ އަމިއްލައަށް މަރުވާން" ބައެއް ފަހަރަށް މީހުން ޖޯކަކަށްވެސް މިހެން ބުނެއެވެ. އަނެއްބައި ފަހަރަށް އެހެން މީހުން ހާސްކޮށްލުމަށާއި ޝައުޤުވެރިކަން ހޯދަން ވެސް މިހެން ބުނެއެވެ. އާއިލާ މީހަކު ނުވަތަ ރަޙްމަތްތެރިއަކުވެސް މިހެން ބުނެފިނަމަ، އެކަމާއި އަޅާނުލާ ދޫކޮށްނުލާށެވެ. އެއީ ޙަޤީޤަތެއް ކަމާއިމެދު ޝައްކެއް އޮތް ކަމުގައި ވިޔަސް، އެކަމާއި އޭނާއާއި ވާހަކަ ދައްކާ ތަފްސީލު ހޯދާށެވެ.

އޭނާ އެކަން ކުރަން ވިސްނާފައިވަނީ ކިހިނެއްތޯ (ޕްލޭން) އަހާށެވެ. އެކަން ކުރަން ނިންމާފަ ހުރި ވަގުތާއި ތަންވެސް އޮޅުންފިލުވާށެވެ. މިސުވާލުތައް ކުރުމުން އޭނާ، ވަކި ޕްލޭނެއް އަދި ރާވާފައި ނެތް ކަމަށާއި އެހެން ހިތަށް އެރީ ކަމަށް ބުނެފިނަމަ، އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމަށްވުރެ ނުކުރުން ގާތެވެ. އެލެވެލްގައި އޭނާއަށް ހަމަ ވިސްނުން ވިސްނާދޭން ފަސޭހަވާނެއެވެ.

ނަމަވެސް އޭނާ ވިސްނާފައިވާ ގޮތް ކުޑަކޮށްވިޔަސް ކިޔާދީފިނަމަ، އެކަން އޭނާ ކޮށްފާނެ ކަމުގެ ޗާންސް ވަރަށް ބޮޑެވެ. އެފަދަ ވަގުތުތަކުގައި އޭނާއާއި އެކު ވީހާވެސް ގިނަ ވަގުތު އުޅުން ބުއްދިވެރި އެވެ. އޭނާ ކުރަން ވިސްނާފައިވާ ކަމަކީ މޮޔަ ކަމެކޭ، އެންމެ ފުރަތަމަވެސް ބުނުން ބުއްދިވެރިއެއް ނޫނެވެ. އޭނާއަކީ އެކަނިވެރިއެއް ނޫންކަމާއި ކަންކަމާއި އޭނާއަށް ކުރިމަތިލެވޭނެކަން އަންގާދިނުން ބުއްދިވެރިއެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ގާތުން ބަލާށެވެ. އަދި ވެގެންވާނަމަ ތިމާއާއި އެކުގައި ދިރިއުޅެންވެސް އޭނާ ގެންނާށެވެ.

- ރަނގަޅު، އުފާވެރި އަދި މަޖާ ކަންތައްތައް ކުރަން އޭނާ ބައިވެރިކުރޭ
އަމިއްލައަށް މަރުވާން ވިސްނާ މީހަކު އެންމެ ބޮޑަށް އެކަން ކުރަން ވިސްނަނީ ދިރިއުޅުމާއި މެދު ފޫހިވެ އެކަނިވެރި ވުމުގެ ސަބަބުންނެވެ. ވީމާ އެކަމުން އޭނާ ސަލާމަތް ކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ އޭނާގެ އެ އެކަނިވެރިކަން ފިލުވާދޭށެވެ. ރަނގަޅު ކަންކަން (މިސާލަކަށް ނަމާދު ކުރުން ފަދަ ކަންކަން) ކުރާއިރު އޭނާވެސް އެކަންކަމުގައި ބައިވެރި ކުރާށެވެ. މީގެ އިތުރުން އޭނާ އުފާކޮށްދީ ހެއްވޭތޯ ވެސް ބަލާށެވެ. އޭނާގެ ދިރިއުޅުމުގައި ގެއްލިފައިވާ "ސެލްފް ކޮންފިޑެންސް" އެއިރުން އޭނާއަށް އަލުން ލިބުން ވަރަށް ގާތެވެ. ދިރިއުޅުގައި މަޤްސަދެއް ފެނި، ދިރިއުޅުމަކީ ރަނގަޅަށް އުޅެފިނަމަ ވަރަށް ފަސޭހަ އެއްޗެއްކަން އޭނާއަށް އިޙްސާސްވުމުން، އަމިއްލައަށް މަރުވާންވީ ސަބަބެއް ނެތްކަން ވެސް އޭނާއަށް އެއިރުން ޤަބޫލުކުރެވޭނެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ