ބަރުގޮނު އެޅުން: ކަންބޮޑުވާންޖެހޭވަރުގެ ޢާންމު އުނދަގުލެއް!؟

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޢާންމު އުނދަގޫ ކުރުމަކީ މީހަކަށް ނުވަތަ ބަޔަކަށް އުނދަގޫވާގޮތަށް ކަންތައްތައް ކުރުމެވެ. ބުނާ ބަހެއްގެ ސަބަބުން ނުވަތަ ކުރާ ކަމެއްގެ ސަބަބުން އަނެކާއަށް އުނދަގޫވުން ނުވަތަ ހިތުތެރޭގައި ބިރުވެރިކަން އުފެދުމުގެ ސަބަބުން އެހެން މީހުންނަށްވާ އުނދަގުލާ ދުއްތުރާ ތަކަކީވެސް ޢާންމު އުނދަގޫ ކުރުމޭ ބުނެވިދާނެއެވެ.

އެފަދަ ކަންކަމަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ޙައްލު ކުރެވިދާނެ ކަންކަމެވެ.

ޢާންމު އުނދަގޫ ކުރުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް މިހާރު ވަރަށް ޢާންމުވެފައިވާ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެހެންމީހުންގެ އިޙްސާސްތަކަށާއި ކަންކަމަށް ބެލުމެއްނެތި އުނދަގޫވާނެފަދަ ތަފާތު ކަންކަން ކުރުމާއި މީހުންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ކުރާކަންތައްތަކަކީ އޭގެ ސަބަބުން ޢާންމު އުނދަގޫތަކުގެތެރޭގައި ހަމަޔަޤީނުންވެސް ހިމެނޭނެ ކަންތައްތަކެވެ.

މުޖުތަމަޢުގައި ހިނގާ މިފަދަ ބައެއް މައްސަލަތަކަށް ބަލާއިރު އަވަށްޓެރިންނަށް އުނދަގޫވާގޮތަށް ތަފާތު ކަންތައްތައް ކުރުމާއި ހިނގާބިނގާވެ އުޅޭ މީހުނަށް އުނދަގޫކުރުމާއި މަގުހިނގާ ބައެއް މީހުންނާ މައްލަވަކުރުން ފާހަގަ ކޮށްލެވެއެވެ. އަދި ފުރައްސާރަ ކުރުމާއި ހިނގާފަދާ މީހުންގެގައިގާ ޖެހިގަތުންފަދަ ކަންކަމަކީވެސް ޢާންމު އުނދަގުލުގެ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންކަމެވެ.

ހަމަމިއާއެކު އެހެންމީހުނަށް އުނދަގޫވާގޮތަށް ބާރަށް ވާހަކަދެއްކުމާއި ހަޑިހުތުރުބަހުން ދޭދޭ މީހުން މުޢާމަލާތު ކުރުމާއި މުޖުތަމަޢާއި ނުގުޅޭ ގޮތްގޮތަށް ހެދުން އެޅުންފަދަ ކަންކަމަކީވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި މިހާރު ޢާންމެވެފައިވާ ޢާންމު އުނދަގޫތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.


ޚާއްޞަ ގޮތެއްގައި ބަރުގޮނު އެޅުމަކީ މިހާރު އަޅުގަނޑުމެންގެ ކަށީގައި ހިފާފައިވާ ނުރަނގަޅު ޢާންމު އުނދަގުލަކަށް ވަނީ ވެފައެވެ. ވެހިކަލެއް މަގަށް އުނދަގޫވާގޮތަށް މަޑުކޮށްލާ ވަގުތުތަކުގައި ބަރުގޮނުގެ އަޑުން މުޅި ޖައްވު ގުގުމާލުމަކީ އާދައަކަށް މިވަނީ ވެފައެވެ. އަދި މިގޮތަށް އެންމެ ސިކުންތަކަށްވެސް މަޑުކޮށްލަން ޖެހިއްޖެ ނަމަ، ބަރުގޮނުގެ އަޑު އިއްވާ ނުލައިފިނަމަ، އެއީ ޒަމާނީ މީހަކަށް ނުވަތަ އަދުގެ ޒުވާނަކަށްވެސް ނުވާ ކަހަލައެވެ.

މިގޮތަށް ބަރުގޮނު އަޅާއިރު، ކުރިމަތީގައި މަޑުކޮށްގެން އޮތް ވެހިކަލުން ފައިބަނީ ނުވަތަ އެ ވެހިކަލަށް އަރަނީ ޢުމުރުން ދުވަސްވީ މީހެއްތޯ، ބަލިމީހެއްތޯއެއް ބެލުމެއް ނޯވެއެވެ. އަދި ކައިރި ގޭބިސީތަކުގައި ތިބި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނަށް ވާނޭ އުނގަދުލަކާމެދު އެއްވެސް ވަރަކަށް ވިސްނުމެއް ނުހުންނަ ކަހަލައެވެ. މިގޮތަށް ބަރުގޮނު އެޅުމުގެ ހުމުގައި މިހާރު ޖެހިފައިވަނީ ހަމައެކަނި އަޅުގަނޑުމެން ދިވެހިންނެއް ނޫނެވެ.

މި ރާއްޖޭގައި އުޅޭ ބޭރު ކަރަކަރައިގެ މީހުންވެސް މެއެވެ. މިކަމުގައި ހަމައެކަނި ބަރުގޮނު އަޅާ މީހުންގެ ވާހަކަ ދައްކާލާފަ ހުއްޓާލެވޭކަށް ނެތެވެ. ހަނި މަގުތަކުގައި މަޑުކޮށްލައިގެން ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިބޭ މީހުން ފެންނަނީވެސް މަދެއްކޮށް ނޫނެވެ. އެހެން މީހުންވެސް އެ މަގުތަކުން ދުއްވާ، ހިނގާބިނގާވެ އުޅޭނެކަން ހިތަށް އަރުވާލުމުން ނުވަތަ ތިމާއަށް އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، ވާނެ އުނދަގުލާއި ދުއްތުރާ ހިތަށް އަރުވާލާ ނަމަ ހަމަ ޔަޤީނުންވެސް މިފަދަ ކަންތައް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުން ފުހެލެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮންމެއަކަސް މިއީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ ނުރަނގަޅު އާދައެއްކަމަކު، މިއީ ރަނގަޅު ނުކުރެވޭނެ އާދައެއް ނޫނެވެ. ބޭނުންވަނީ ކެތްތެރިކަމާއެކު އަނެކާއަށް އިޙްތިރާމް ކުރަން ދަސްކުރާށެވެ. ޢަމަލާއި ބަހުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މުހައްމަދު އަފްރާޙް